ވޭތިވެދިޔަ ހަފްތާތަކާ އަޅާބަލާއިރު، ނިމުނު ހަފްތާގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯރޓް ކުރެވުނު މިންވަރު އިތުރުވެފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ވޭތިވެދިޔަ ހަފްތާތަކާ އަޅާބަލާއިރު، ނިމުނު ހަފްތާގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯރޓް ކުރެވުނު މިންވަރު ވަނީ އިތުރުވެފައެވެ. މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

Ad
rt

މިގޮތުން 15 ޖޫން އިން 5 ޖުލައި 2025 އަށް މާލެ ސަރަހައްދުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 2370 ކޭސް ރިޕޯޓްކޮށްފައިވާއިރު، މުޅި ރާއްޖެއިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3763 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އިންފްލުންޒާ ޖެހިގެން ރިޕޯރޓް ކުރެވޭ އަދަދު އިތުރުވެފައިވާކަމަށް ވެސް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެޗެ. މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

15 ޖޫން އިން 5 ޖުލައި 2025 އަށް މާލެ ސަރަހައްދުން އިންފްލުންޒާ ޖެހިގެން 228 ކޭހެއް ވަނީ ރިޕޯރޓްކޮށްފައެވެ. އަދި މުޅި ރާއްޖެއިން 239 ކޭހެއް ރިޕޯޓްކޮށްފަވެއެވެ.

މިއިތުރުވުމާއެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބޭރަށް ހިންގުމާއި ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިގޮތުން ބޭރަށް ހިންގުމުގެ އިތުރުން ގިނަގިނައިން ހޮޑުލުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭލެއް މަދުވުމާއި، ބޮލަށް އެނބުރުން އެރުމާއި އަދި އާދަޔާޚިލާފަށް ކަރުހިއްކުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށް ހިންގާނަމަ ގިނަގިނައިން ސޫޕާއި ދިޔާތަކެތި ބޭނުންކުރުމަށާއި، ފާޚާނާކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮވުމަށާއި، ފާޚާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރުމަށާއި، އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، އަދި އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން މަސައްކަތަށް ނުނިކުމެ މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.