ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

Ad
rt

ރައީސް މުޢިއްޒު ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ޚިޠާބެއް ފޮނުއްވައިފައިވާއިރު، މި ދުވަސް ފާހަގަކުރަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ މަޖައްލާ "އަލްއިޞްލާޙު" ނެރުނު ތާރީޚާ ގުޅުވައިގެންނެވެ. އެ މަޖައްލާގެ މައިގަނޑު މަޤުޞަދަކީ ދީނާއި، އިޖުތިމާޢީ، އިޤުތިޞާދީ، ސިޔާސީ، ޢިލްމީ، ސަގާފީ އަދި ތާރީޚީ ދާއިރާތަކުން ޤައުމު އިޞްލާޙުކުރުމެވެ.

ރައީސްގެ ޚިޠާބުގައި، އިންސާނުންނާއި މުޖުތަމަޢާއި ޤައުމު އިޞްލާޙުކުރުމަށް ލިޔުންތެރިކަން ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ލިޔުންތެރީންގެ ދައުރު ދީނީގޮތުން ޢަޤީދާއާއި އަޚްލާޤު ހަރުދަނާކުރުމުގައާއި، އިޖުތިމާޢީގޮތުން ގުޅުން ބަދަހިކޮށް ހަމަޖެހުން ޤާއިމުކުރުމުގައާއި، އިޤުތިޞާދީގޮތުން އާ ފުރުޞަތުތައް ތަޢާރަފުކުރުމުގައާއި، ސިޔާސީގޮތުން މެނިފެސްޓޯ އެކުލަވައިލުމާއި ޤައުމީ މައްސަލަތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގައްޔާއި، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.

ރައީސް ވަނީ ލިޔުންތެރިކަމަކީ އަމާނާތެއްކަމަށާއި، ޒިންމާދާރު ލިޔުންތެރިކަމުން ޤައުމުތައް ބިނާކުރެވޭއިރު، ޒިންމާދާރުކަން ނެތް ލިޔުންތެރިކަމުން ގެއްލުން ލިބޭކަން ފާހަގަކުރައްވާފައެވެ.

ދިވެހި ތާރީޚުގައި ޤައުމު ބިނާކުރުމުގައި ދިވެހި ލިޔުންތެރީން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޠާބު ނިންމަވަމުން ރައީސް އެދިވަޑައިގަތީ، ދިވެހި ލިޔުންތެރީންގެ ގަލަންތަކާއި އުފެއްދުންތެރި ވިސްނުންފުޅުތައް ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރިކުރުވައި، ދިވެހި ފަތްފުށްތައް އާ ޚިޔާލުތަކުން މުއްސަނދިކުރުމަށެވެ.