ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ މީހަކު ބެހެއްޓި ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 1 އޮކްޓޯބަރު 2024 ގައި ހުކުމްކޮށްފައެވެ.

ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން މިއަހަރު ފެބްރުއަރީ މަހުގެ ފަހުކޮޅު ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައި ކޯޓުން ވަނީ މި މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ. ދައުވާ ފޯމު ބާތިލްކޮށް ހައި ކޯޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ދައުވާ ފޯމު ބާތިލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މި ހާދިސާ ހިނގި ފަހުން ހަތް އަހަރުވެފައި ވުމާއެކު، ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ނެތުމުން ކަމަށެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގެވުމަކަށް ޝިޔާމްގެ މައްޗަށް ދައުވާކުރަން 2020 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ނަމަވެސް އޭގެ ކުރިން އެ ކޮމިޝަނުން ނިންމާފައި އޮތީ ޝިޔާމާ ދެކޮޅަށް ހެއްކެއް ނެތް ކަމަށެވެ.