ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓް ކުރުމާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ވަކި ލައިސަންސެއް ނަގަންޖެހެއެވެ.
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ލައިސަންސް ނެގުމުގެ ފުރުސަތު 17 އޭޕްރިލް 2025 އިން ފެށިގެން ހުޅުވާލައި، އެ ހުއްދަ ނެގުމުގެ ފުރުސަތު ތިން މަސް ދުވަހުގެ މުއްދަތަކަށް އެޗްޕީއޭއިން ކުރިން ވަނީ ދީފައެވެ.
އެ މުއްދަތު މި ޖުލައި މަހުގެ 17 އަށް ހަމާވާނެތީ، މި މުއްދަތުގެ ތެރޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ނެގުމުގެކަންކަން ފުރިހަމަކުރުމަށް އެންސްޕާއިން މިއަދު ވަނީ ހަނދާންކޮށްދީފައެވެ.
17 ޖުލައި 2025 ގެ ފަހުން މި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރިކުރުމަކީ މަނާކަމެއްކަން ވެސް އެޗްޕީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް މި ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ދަށުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިހާރު ޢަމަލުކުރަމުން އަންނައިރު 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުން މަނާކުރުމަށް ޖެނަރޭޝަނަލް ބޭން އެއް ތަޢާރަފްކޮށްފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ އަހަރިގެ ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ. އަދި ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު 15 ނޮވެމްބަރުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ. އެ އުމުރު ކުރިން އޮތީ 18 އަހަރުން މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!