ހދ. ކުޅުދުއްފުށި ސިޓީ ގައި ބަށިކޯޓެއް އެޅުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރެވުނު ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ އަދަދު އެކަށީގެންނުވާ ކަމަށް ފެންނާތީ، އަލުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ނިންމައި އަލުން އިޢުލާން ކޮށްފި އެވެ.
އެކޮމެޓީގެ ފޭސްބުކް ޕެޖުގައި މިއަދު ބުނެފައިވަނީ، މި ސަރވޭގައި ބައިވެރިވެފައިވަނީ ޖުމްލަ 57 ފަރާތެއްކަމަށެވެ. މީގެ ތެރެއިން 39 ފަރާތުން (68 އިންސައްތަ) ވަނީ ބަށިކޯޓު އެޅުމަށް ތާއީދުކޮށްފައެވެ. އަދި 18 ފަރާތުން (32 އިންސައްތަ) ވަނީ މިކަމަށް ތާއީދު ނުކުރާކަމަށް ފާހަގަކޮށްފައެވެ.
ކުޅުދުއްފުށީގެ އާބާދީގެ ނިސްބަތުން ބަލާއިރު، މިއީ އެކަށީގެންވާ އަދަދެއް ނޫންކަމަށް ކޮމިޓީން ދެކޭތީ، ސަރވޭ ފޯމު އިސްލާހުކުރުމަށްފަހު އަލުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައެވެ. އަލުން ހުޅުވާލި ސަރވޭގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖުލައި 8 ވަނަ ދުވަހުގެ 14:00 ގައެވެ.
އާ ސަރވޭގައި އުމުރާއި، ޖިންސު އަދި ބަށިކޯޓު އެޅުމާމެދު ދެކޭގޮތުގެ އިތުރުން، އިތުރު ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ދެވިފައިވެއެވެ. މި ސަރވޭގައި ބައިވެރިވާ ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު ހިމެނޭނީ އެފަރާތްތަކުން އަމިއްލައަށް ހިއްސާކުރާ މަޢުލޫމާތު އެކަނި ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
ކުޅުދުއްފުށީގައި ބަށިކޯޓެއް އެޅުމަކީ ސިޓީގެ ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް، ޚާއްސަކޮށް އަންހެނުންނަށް ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުށަހެޅިފައިވާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.
ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅަކީ ވެސް ވަރަށް ފޯރީގައި އަދި ވާދަވެރިކޮސް ބަށި ކުޅެމުން އަންނަ ބައެއް ދިރިއުޅޭ އަތޮޅެކެވެ. އެގޮތުން ދޭތެރެދޭތެރެއިން އަތޮޅު ފެންވަރުގައި ބަށި މުބާރާތްތައް ބޭއްވޭކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!