ޓެކްނޮލޮޖީ މަހުޖަނު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަދަދުގާރު އީލޮން މަސްކްގެ ސްޓާލިންކްގެ ޚިދުމަތް އީރާނުގައި މަނާކުރުމަށް އެ ޤައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ.

ހުޅަނގުގެ ޤައުމުތަކާ އީރާނުގެ ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށްފަހު، އީރާނުގެ ޕާލިމެންޓުން ވަނީ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތް އެ ޤައުމުގައި މަނާކުރުމަށް ފާސްކޮށްފައިކަމަށް ނިއުސްވީކް އާއި އެހެނިހެން ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފަވެއެވެ.

Ad
rt

އީރާނުން މިކަމަށް އެކުލަވާލި ޤާނޫނުގައި ވަނީ ޖާސޫސްކުރުމުގެ ޤަވާއިދުތައް ހަރުކަށިކޮށް، ބޭރުގެ ފަރާތްތަކުން ބާރުދޭ އިދިކޮޅު ޙަރަކާތްތަކަށް އަމާޒުކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެޓްލިންކާމެދު އީރާނުން މި ފިޔަވަޅުއެޅީ ސެޓްލިންކުން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމުގައި ދައުރެއް އަދާކުރާކަމަށް ބެލެވޭތީއެވެ.

ނިއުސްވީކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާންގެ ފަހުގެ ޤާނޫނުން ޑިޖިޓަލް އަދި ބޭރުގެ ފަރާތްތަކާ ގުޅުންހުރި ޙަރަކާތްތަކުގެ މައްޗަށް ދައުލަތުގެ ބާރު އިތުރުކޮށް، ސްޓާލިންކް ކުށްވެރިކުރުމާއެކު، ޖާސޫސީކުރުމާއި ބޭރުގެ އަދާވާތްތެރި ފަރާތްތަކާއެކު އެއްބާރުލުން ދިނުމަށް ފުޅާ ދާއިރާއެއްގެ އަދަބުތައް ތަޢާރަފުކޮށްފައިވެއެވެ.

އީރާނުގެ މި އައު ޤާނޫނުން އެމެރިކާ އަދި އިސްރާއީލް ފަދަ ޤައުމުތަކާއެކު "އޮޕަރޭޝަނަލް އެއްބާރުލުން" ދިނުމަކީ "ބިމުގައި ފަސާދަ އުފެއްދުން" ކަމުގައި މާނަކޮށްފައިވާކަމަށް ނިއުސްވީކުން ރިޕޯޓުކޮށްފައިވެއެވެ. މިއީ މަރުގެ އަދަބު ލިބިދާނެ ކުށެކެވެ.

13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ ރައްދު ހަމަލާތައްދީފައެވެ. މި ހަނގުރާމަ ނިމިފައި ވަނީ 12 ދުވަހު ދެ ފަރާތުން ހަމަލާތައް ބަދަލުކުރުމަށްފަހުއެވެ. މި ހަނގުރާމާގައި އެމެރިކާއިން ސީދާގޮތެއްގައި އިސްރާއީލަށް ވާގިވެރިވެފައިވާއިރު، ހުޅަނގުގެ ޤައުމުތަކާއި ބައެއް އަރަބި ޤައުުމުތަކުން ވެސް އިސްރާއީލަށް އެއްބާރުލުން ދިނެވެ.