ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ދަނީ ތަވާލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ޕެސެންޖާ ޓާމިނަލްގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެންގަރާއި ކާގޯ ބިލްޑިންގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ 2019ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރާނެއެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރާނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.

މި އެއާޕޯޓުގައި ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެކެވެ.