ހދ. މަކުނުދޫ އިން ވިޔަފާރި ބޭނުމަށް އެކި ބާވަތުގެ 23 ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން އާންމުކޮށް އިޢުލާން ކޮށްފިއެވެ.
ކައުންސިލުން މިހާރު ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ބިންތަކުގެ ތެރޭގައި، ލައިޓް އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ހިމެނެއެވެ. މީގެ ތެރޭގައި ގަރާޖު، ކާޕެންޓްރީ އަދި ވޯކްޝޮޕް ހިންގުމަށް ބިން ހިމެނެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް ބިން، ކޮމާޝިއަލް ބޭނުންތަކަށް ބިން، ކުއްޔަށް ދޭ ކޮޓަރި އަދި އެކަމަޑޭޝަން ވިޔަފާރިއަށް ބިން، ބޯޓްޔާޑް ހެދުމަށް އަދި ކުކުޅު ފާމް ހެދުމަށް ބިން ހިމެނެއެވެ. އަދި ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތެއް ވެސް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބިންތައް ކުއްޔަށް ދޫކުރެވޭ މުއްދަތުގެ ގޮތުގައި އެންމެ ކުރު މުއްދަތަކީ 10 އަހަރެވެ. އަދި އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ބައެއް ބިންތަކަށް 30 އަހަރު ދެވޭނެއެވެ. ދެ ސްލޮޓަކަށް ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ދެވޭއިރު، ގިނަ ބިންތަކަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، އެއް ފަރާތަކަށް އެއް ބާވަތަށްވުރެ ގިނަ ބާވަތުގެ ބިންތަކަށް ކުރިމަތިލެވޭނެއެވެ. އަދި އެއް ސްލޮޓަށްވުރެ ގިނަ ސްލޮޓަށްވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 31 ޖުލައި 2025 ގެ ހެނދުނު 9:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 5 އޮގަސްޓް 2025 ގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!