އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް ފެނިއްޖެއެވެ.

ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން “އޮކްސީކޯޑޯން” ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ދޭ ތަދުކަނޑުވާ ބޭހެކެވެ. މި ބޭސް، ބޭސް ފިހާރަތަކުންވެސް ދޫކުރަނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ.

Ad
rt

އޮކްސީކޯޑޯން އަކީ ދެވިހިފާ ބޭހެކެވެ. މި ބޭސް ބޭނުން ކުރާ މީހުންނަށް ހެލުސިނޭޓްވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަންވެސް ދިމާވެއެވެ.

ޣައްޒާއަށް ފޮނުވާ މި ފުށުން މި ނުރައްކާތެރި ބޭސްގުޅަ ފެނިގެން ހަތަރަކަށް ވުރެ ގިނަ މީހުން މިހާތަނަށް ރިޕޯޓުކޮށްފައި ވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ފަލަސްތީނުން ބުނެފައިވާ ގޮތުގައި މިއީ ޔަހޫދީ އިސްރާއީލުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުން މަސްތުގެ ވަބާގައި ޖައްސަން ކުރާ ކަމެކެވެ. އެކަމުގެ ޒިންމާ އިސްރާއީލުން ފުރިހަމައަށް ނަގަންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް މިހާރު ކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ ޣައްޒާގައި އދ. އިން ހިންގި އެހީގެ މަސައްކަތް ހުއްޓުވުމަށްފަހު، އިސްރާއީލާއި އެމެރިކާގެ ގުޅިގެން އެ މަސައްކަތް ހަވާލުކުރި އެމެރިކާގެ ޖަމާއަތެކެވެ. އެ ޖަމާއަތުން އެހީ ބަހާއިރު އެހީ ހޯދަން ދާަ މީހުންނަށް އަމާޒުކޮށް ޔަހޫދީ ސިފައިން ހަމަލާދޭ ކަމަށްވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.