އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އަޅާ ދެ މިސްކިތުގެ ތެރެއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މި މިސްކިތުގެ ބިންގާ އެޅުމަށް ސެއިޚްގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު ބަންގްލަދޭޝް އަށް ފުރީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

Ad
rt

ސައިޚް ޚިދުމަތްކުރެއްވި ޖަމިއްޔާ، ޚިދުމަތް ޖަމިއްޔާއިން ވަނީ ސައިޚްގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައެވެ.

‘’މަސްޖިދު ސައިޚް އިބްރާހީމް ފަރީދު’’ ގެ ނަން ދީފައިވާ މި މިސްކިތުގެ ބިންގާ އަޅައިދީފައި ވަނީ ސެއިޚްގެ ދެ ދަރިކަލުންނެވެ.

ޚިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މިސްކިތް އަޅަން ނިންމާފައި ވަނީ ބަންގްލަދޭޝްގައި 250 ސްކައެއަރ މީޓަރގެ ބިމެއްގައެވެ. 455 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް އެ ޖަމިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.

ސެއިޚް ފަރީދު އަވަހާރަވީ މިދިޔަ 9 ޖޫން 2025 ވީ ހޯމަ ދުވަހު މެލޭޝިޔާ އަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށް އޭގެ ފަހުން މާގިނަ އިރެއް ނުވަނީހެވެ.

އަލްމަރްހޫމް ފަރީދު ވަނީ މެލޭޝިޔާގައި 11 ޖޫން 2025 ގައި ފަސްދާނުލާފައެވެ. މަރްޙޫމް ފަސްދާނުލެވުނީ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ. ސެއިޚްގެ ކުރެވުނު ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ.