އީރާނުގައި އިސްރާއީލަށް ޖާސޫސްކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމެއްގެ އިސް އިސް ލީޑަރަށް އީރާނުގައި މަރުގެ އަދަބުދީފިއެވެ.
އީރާނަށް އިސްރާއީލުން ދިން ފުރަތަމަ ހަމަލާ ވެސް އޭގެ ފަހުން ދެމުން އަންނަ ގިނަ ހަމަލާތައް ވެސް ދެމުން އަންނަނީ އީރާންގައި ތިބި އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުން ދިން މައުލޫމާތުގެ އަލީގައެވެ.
ފުރަތަމަ ހަމަލާގައި ވަނީ އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައެވެ. އެ ހަމަލާ ދީފައި ވަނީ އެ ބޭފުޅުން ބައްދަލުވުމަކަށް އެއްތަންވެވަޑައިގެން ވަގުތު ބަލާފައެވެ.
މިހަމަލާގައި މަރުވި އިސް ބޭފުޅުންގެ ތެރޭގައި އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރ އިން ޗީފްހުސެއިން ސަލާމީ، ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ ކޮމާންޑަރު ޣުލާމްޢަލީ ރަޝީދާއި ނިއުކްލިއަރ ސައިންޓިސްޓް އަދި އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަންގެ ކުރީގެ އިސްވެރިޔާ ފެރެއިދޫން ޢައްބާސީ އާއި އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމުގައި ހަރަކާތްތެރިވި އަނެއް ނިއުކްލިއަރ ސައިންޓިސްޓް މުޙައްމަދު މަހްދީ ތެހްރާންޗީ އަދި އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބާޤިރީ ހިމެނެއެވެ.
އީރާނުން އަންނަނީ އިސްރާއީލަށް ޖާސޫސީކޮށްދިން މޮސާޑުގެ އެޖެންޓުން އަތުލައި އަދަބު ދެމުންނެވެ. މިގޮތުން އިތުރު މީހެއްގެ މައްޗަށް އިރާނުން ވަނީ އަދަބު ތަންފީޒުކޮށްފައިވާކަމަށް ސަރުކާރާ ގުޅުންހުރި ތަސްނިމް އަދި ފާރްސް ނިއުސް އޭޖެންސީތަކުން ބުނެފަވެއެވެ.
އެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، މުޙައްމަދު އަމީން މަހްދަވީ ޝާޔެސްތެހް އަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީ މޮސާޑާއެކު މަސައްކަތްކުރި ކަމަށް ސާބިތުވުމާއި ގުޅިގެންނެވެ.
ތަސްނިމްއިން ބުނެފައި ވަނީ ޝާޔެސްތެހް އަކީ މޮސާޑާއި ގުޅުންހުރި ސައިބަރ ޓީމެއްގެ އިސްވެރިޔާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
ޖޫން 13 ގައި އިސްރާއީލުން އިރާނަށް ހަމަލާދޭން ފެށުމަށްފަހު، އިރާނުގެ އިސްވެރިން އިސްރާއީލަށް ޖާސޫސީކުރި މައްސަލާގައި މަދުވެގެން ތިން މީހަކަށް މިހާތަނަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކަށް އަދަބު ތަންފީޒުކުރީ ޖޫން 16 ވަނަ ދުވަހުގެ ފަތިހުގައެވެ. ދެވަނަ މީހާއަށް އަދަބު ތަންފީޒުކުރީ ޖުލައި 22 ގައެވެ.
މީގެ އިތުރުން އީރާނުން މޮސާޑްގެ އޭޖެންޓެއް ހައްޔަރުކޮށް، ހުޅަނގު އީރާނުގައި ޑްރޯންތަކުން ފުރިފައިވާ ޓްރަކެއް އަތުލައިގެންފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!