ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ބުނީ ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި މިހާރު ކުރިއަށް ދަނީ ބްރޭކްވޯޓާގެ ޕްރޮފައިލިން މަސައްކަތާއި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތެވެ.
ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ކުރިން އޮތް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް މީގެ ކުރިން ވަނީ ނިންމާލައިފައެވެ.
ހިތާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރޭގައި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ. އަދި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތައް އެމްޓީސީސީއާ ހަވާލުކުރީ 17.7 މިލިޔަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!