އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ.
އެމެރިކާއިން ވަނީ އީރާންގެ މައިގަނޑު ތިން ނިއުކްލައަރ މަރުކަޒަކަށް ރޭ ހަމަލާދީފައެވެ. އޭގެ ތެރޭގައި އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒު ހިމެނެއެވެ.
މި ހަމަލާތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މިކަމުގެ ސަބަބުން ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު މި ހަނގުރާމަ ކޮންޓްރޯލުން ބޭރުވެގެން ދިއުމުގެ ނުރައްކާ އިތުރުވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި، މި ސަރަޙައްދަށާއި، މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ" ގުޓެރެސް ވިދާޅުވެފަވެއެވެ.
ގުޓެރެސް ވަނީ މި ނުރައްކާތެރި ވަގުތުގައި، ހަލަބޮލިކަމުގެ ތެރެއަށް ނުދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ދިމާވެފައިވާ މައްސަލައަށް ހަނގުރާމައަކުން އަވަސް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''މިއަށް ހައްލެއް ނުލިބޭނެ ހަނގުރާމައަކުންނެއް. ކުރިއަށް ދެވޭނެ ހަމައެކަނި މަގަކީ ޑިޕްލޮމަސީއެވެ. ހަމައެކަނި އުންމީދަކީ ސުލްޙަ،" ގުޓެރެސް ވިދާޅުވެފަވެއެވެ.
އީރާނަށް ހަމަލާދިނުމަށްފަހު ޓްރަމްޕް ވަނީ އީރާނުން އެއްވެސް ބަދަލެއް ހިފައިފިނަމަ 'މާ ބޮޑު' ހަމަލާތަކެއްދީ އެކަމަށް ވަރުގަދަ ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.
"އެމެރިކާ އަށް އީރާނުން އެއްވެސް ބަދަލެއް ހިފައިފިނަމަ، މިރޭ ފެނުނު ހަމަލާތަކަށްވުރެ މާ ބޮޑު ބާރުގަދަ ހަމަލާތަކަކުން އެކަމަށް ޖަވާބު ދެވޭނެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ސޯޝަލްގައި ވިދާޅުވިއެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާއަށް އިޝާރާތް ކުރަށްވައި ހަނގުރާމައިގެ ނުރައްކާ 'ބޮޑުތަނުން އިތުރުވެއްޖެ' ކަމަށް އެމެރިކާގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ޓްރަމްޕް މި ހަމަލާތަކަށް ކޮންގްރެސްގެ ހުއްދަ ހޯއްދަވާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވާ "އެއްވެސް ނޭދެވޭ ނަތީޖާއެއްގެ ފުރިހަމަ ޒިންމާ" އޭނާ ނަންގަވަން ޖެހޭނެ ކަމަށެވެ.
"ޑޮނަލްޑް ޓްރަމްޕް ވަޢުދުވެވަޑައިގަތީ މެދުއިރުމައްޗަށް ސުލްޙަ ގެނެސްދެއްވާނެ ކަމަށް، އެ ވަޢުދު ފުއްދަވާފައެއް ނުވޭ، މިހާރު ހަނގުރާމައިގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ، އަދި އަޅުގަނޑު ދުޢާކުރަނީ އެ ސަރަޙައްދުގައި ތިބި އަޅުގަނޑުމެންގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި'' އޭނާ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!