ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ސޫޗޯ ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގެ މެމޮރެންޑަމެއް (އެމް.އޯ.ޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވަނީ، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ދެވޭ ސާރޖިކަލް ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ފާހަގަކޮށްފައެވެ.
އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތުގެ ހެއްކެކެވެ.
މި އެމް.އޯ.ޔޫގެ ސަބަބުން ދެ ހޮސްޕިޓަލުގެ މެދުގައި ޞިއްޙީ ތަޖުރިބާ، ތަމްރީނު އަދި މަޢުލޫމާތު ޙިއްޞާކުރުމުގައި މުހިންމު އެއްބާރުލުންތަކެއް ލިބިގެންދާނެ ކަމަށްވެސް އައިޖީއެމްއެޗްއިން ބުނެފަވެއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އެތައް ކުޑަކުދިންނެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެ ކުދިންނަށް ބޭނުންވާ ޚާއްޞަ ޖަރާޙީ ފަރުވާ ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މިފަދަ ބައިނަލްއަޤްވާމީ އެއްބަސްވުންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!