އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިޔައިރު މަރްޙޫމް އޮންނެވީ ވަރަށް ރީތިކޮށްކަމަށް ސެއިޚްގެ ކޮއްކޮ ސެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ސެއިޚް ޒައިދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް ފަރީދުގެ ހިނެވުމުގެ ކަންތައް ކުރިއަށްދާކަން ހާމަކުރަށްވައި، ވިދާޅުވީ ސެއިޚްގެ ބޭބެ އޮންނެވީ ވަރަށް ރީތިކޮށް ކަމަށެވެ.
''ބޭބެ އޮތީ ވަރަށް ރީތިކޮށް! އަދި ނިޔާވެފައި އޮތީ ޝަހާދަތް އިނގިލިން ތައުޙީދުގެ ކަލިމައަށް އިޝާރާތް ކުރަމުންދާ ޙާލުގައި! ބޭބެއަށް ހެޔޮ ދުޢާކުރައްވަވާ!'' ސެއިޚް ވިދާޅުވެފަވެއެވެ.
ސެއިޚް ފަރީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ވެސް މިހާރު ވަނީ ނިމިފައެވެ. އެއަށްފަހު ފަސްދާނުލުމަށް ގެންދިޔުމަށްޓަކައި ސެއިޚްގެ ހަށިކޮޅު ވަނީ މިހާރު އެމްބިއުލާންސަށް އަރުވާފައެވެ.
ސެއިޚް ނިސްބަތްވާ ޚިދުމަތް ޖަމިއްޔާއިން ވަނީ ސެއިޚްގެ މައްޗަށް ކުރެވުނު ކަށުނަމާދު ލައިވްކޮށްފައެވެ. އަދި ސެއިޚް ފަސްދާނުލުމުގެ ކަންތައް ވެސް ލައިވް ކުރާނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ސެއިޚްގެ މައްޗަށް ކަށުނަމާދު ކުރެވުނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ރާޖާ ހާޖީ ފިސަބިއްލާހި މަސްޖިދުގައެވެ.
ޝައިޚް ފަރީދު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައިކަމަށެވެ.
ސެއިޚްގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރަށްވާށިއެވެ! އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!