ބ. ތުޅާދޫގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސް އާއި ތުޅާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު (23އ) އެވެ.

Ad
rt

ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓް ފުލުހުންނަށް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އަދުހަމް ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ.