ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް މިރޭ ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވަނީ ޢީދުގެ މުހިންމުކަމާއި، އިސްލާމީ އުއްމަތުގެ މަތިވެރިކަމާއި، މުސްލިމުންގެ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޒަމާނުއްސުރެ ދިވެހީން ފާހަގަކުރާ ބޮޑު ޢީދަކީ، މާތްކަމާއި ނިޢުމަތުގެ ފޯވައްސެއްކަމަށް ވިދާޅުވެ ރައީސް ވަނީ، ޙައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރު ކުރައްވައި، ﷲގެ އޯގާވަންތަކަމާއި ރަޙްމަތް، ދިވެހި ޤައުމަށާއި، އެންމެހައި މުސްލިމުންނަށް އިތުރުކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ޢީދަކުމެ ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން ހަނދާން ކުރެވެއެވެ. ވަކިން ޚާއްޞަކޮށް، ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ފަލަސްޠީނުގެ މުސްލިމުންނަށްޓަކައި ޚާއްޞަ ދުޢާއެއް ކުރައްވައި، މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގަތެވެ.

ރައީސް މުޢިއްޒު އިލްތިމާސް ކުރެއްވީ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށެވެ. އަދި ދޮށީ ޢުމުރުގެ މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް ގޮވާލެއްވިއެވެ.