ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުށި ސިޓީގައި ޝޫޓްކުރި "ކަނބުލޮ" މި އަހަރުގެ އޯގަސްޓް މަހު އަޅުވާނެ ކަމަށް އިޢުލާނުކޮށްފިއެވެ.

ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ހުށަހަޅާ މި ފިލްމަކީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކާއި، އެކުދިންގެ ޒަވާޖީ ހަޔާތަށް އޭގެ ސަބަބުން ކުރާ އަސަރުތައް ދައްކުވައިދެއެވެ.

Ad
rt

މި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު އެވެ. ފިލްމުގެ މައިގަނޑު ރޯލުތަކުގައި ފެންނާނީ އިސްމާއީލް ރަޝީދު، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.

މި ފިލްމަކީ ޔަޝްފާ ޢަބްދުލް ޣަނީގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެ، ހުސެން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ފިލްމުގެ އަސްލު ވާހަކައަކީ 2009 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވި ދިގު ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތްކަމަށްވާ "ކަމަނާ" ވަނީ 2024 ވަނަ އަހަރު ރިލީޒްކޮށް، ގިނަ ބަޔެއްގެ ތަޢުރީފު ލިބިފައެވެ.