އަވަށްޓެރި އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ދެ މަރު ރިޕޯޓްކޮށްފިއެވެ.
އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި އެ ޤައުމުގައި އެކްޓިވް ކޭސްތަކުގެ ޢަދަދު 3،700 އަށްވުރެ ވަނީ މަތިވެފައެވެ. މިއީ މަސްތަކެއް ފަހުން ފެނުނު ފުރަތަމަ ފާހަގަކުރެވޭ އިތުރުވުމެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ (އެމްއޯއެޗްއެފްޑަބްލިއު) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 360 އަށްވުރެ ގިނަ އައު އިންފެކްޝަންތައް ރިޕޯޓު ކޮށްފައިވެއެވެ.
އާދީއްތަ ދުވަހުގެ ނިޔަލަށް، އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރެވިފައި ވަނީ ދިވެހިން ބޭސްފަރުވާއަށް އެންމެ ގިނައިން ދަތުރުކުރާ ޓްރެވެންޑްރަމާއި، ކޮޗިން ހިމެނޭ ކެރެލާ ސްޓޭޓުންނެވެ. އެ ސްޓޭޓުން 1400 ކޭސް ރިޕޯޓުކޮށްފަވެއެވެ. އަދި މަހާރާޝްޓްރާ އިން 485 ކޭސް، ވެރިރަށް ދިއްލީއިން 436 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން، އިންޑިއާގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑާ ގުޅުންހުރި 2 މަރު ރިޕޯޓްކޮށްފައި ވެއެވެ. އެއީ ކެރެލާއިންނާއި ކަރްނާޓަކާއިންނެވެ.
އިންޑިއާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނާގޮތުގައި، ކަރްނާޓަކާގައި 63 އަހަރުގެ ފިރިހެނެއް ޕަލްމޮނަރީ ޓީބީ، ބަކަލް މިއުކޯސާގެ ސްކުއޭމަސް ސެލް ކާސިނޯމާ އަދި އިންސިޑެންޓަލް ކޮވިޑް ޕޮޒިޓިވް ސްޓޭޓަސްއާއެކު މަރުވެފައިވާއިރު، ކެރަލާގައި 24 އަހަރުގެ އަންހެނެއް ކޮވިޑް-19 އަދި ސެޕްސިސް ހައިޕަރްޓެންޝަން، ޑީސީއެލްޑީ (ޑީކޮމްޕެންސޭޓެޑް ކްރޮނިކް ލިވަރ ޑިޒީޒް) އާއެކު މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!