ށ. ފޭދޫ ގައި ކުރިއަށް ގެންދިޔަ ކައުންސިލް ކަޕް 2025 ގައި ކުޅުންތެރިއަކު ކުޅިވަރުގެ ރޫހާ ހިލާފު އިޖުތިމާއީ މިންގަނޑުން ބޭރު ޢަމަލެއް ހިންގުމުގެ ސަބަބުން ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފިއެވެ.

ފޭދޫ ކައުންސިލް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި "ޑާކްވުޑް ސްޕޯޓްސް ކްލަބް" ގެ ޖާރޒީ ނަންބަރު 11 ކުޅުންތެރިޔާ ވަނީ ނުފޫޒް ޓީމުގެ ޖާޒީ ނަންބަރު 13 ބޯޅަ ހިފައިގެން ދަނިކޮށް މެދުހަށީގައި ހިފައި ވައްޓާލައި ފައިން އެ ކުޅުންތެރިޔާގެ ބޮލަށް ހަމަލާދީފައެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން ފޭދޫ ކަައުންސިލުން ނެރެފައިވާ ބަޔާނުގައިވަނީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ސެމީ ފައިނަލްގައި "ޑާކްވުޑް ސްޕޯޓްސްކްލަބް" އާއި "ނުފޫޒް ފުޓްބޯލް ކްލަބް" ބައްދަލުކުރި މެޗުގައި "ޑާކްވުޑް ސްޕޯޓްސް ކްލަބް" ގެ ޖާރޒީ ނަންބަރު 11 ހިންގި އަމަލަކީ ކުޅިވަރުގެ ރޫޙާއި، އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު ދަށު ދަރަޖައިގެ އަމަލެއްކަމަށް ބުނެ މިކަން ކުށްވެރިކޮށްފައެވެ.

އެގޮތުން، ކައުންސިލުން ވަނީ މި ހަމަނުޖެހުން ހިންގި ކުޅުންތެރިޔާ 24 މެއި 2025 އިން ފެށިގެން 3 އަހަރު ދުވަހަށް ކައުންސިލުން އިންތިޒާމްކޮށް، ހުއްދަދީގެން ކުރިއަށް ގެންދާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެގޮތަށް ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން ކުޅުންތެރިޔާ ނިސްބަތްވާ ޓީމް ކަމަށްވާ ޑާރކްވުޑް ސްޕޯޓްސް ކުލަބް ވަނީ 5000 ރުފިޔާގެ ޖޫރިމަނާކޮށްފައެވެ. އަދި 24 މެއި 2025 ވީ ހޮނިހިރު ދުވަހުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމައް ކައުންސިލުން ވަނީ އަންގާފައެވެ.

ކައުންސިލުން އިތުރަށް މި ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއިން ރާވާ ހިންގާ މުބާރާތްތަކަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ މުބާރާތްތަކެއް ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ކުޅިވަރުގެ ރޫހު ގެއްލޭ އަދި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ނޯޓު: މި ޚަބަރުގައި ކުޅުންތެރިޔާގެ ފޮޓޯ ހިމެނިފައި ވަނީ އެއީ 18 އަހަރުން ދަށުގެ ކުޅުންތެރިއެއްކަމުގެ މައުލޫމާތު ނެތުމުންނެވެ. މިކަމަށްޓަކައި އެ ކުޅުންތެރިޔާގެ ޢާއިލާގެ ފަރާތުން މަޢާފަށް އެދެމެވެ. އެ ކުޅުންތެރިޔާ އަކީ 18 އަހަރުން ދަށުގެ ކުޅުންތެރިއެއްކަމާއި، މިކަން ފޭދޫ ކައުންސިލުން މި ނޫހުގެ ސަމާލުކަމަށް ގެނައުމާއިއެކު ފޮޓޯ ބަދަލުކޮށް، އެކަން އިސްލާހްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.