އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ހާވާޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން އެންރޯލްވުމުގެ ފުރުސަތު ބަންދުކޮށްފިކަމަށް އެ ޤައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ވިދާޅުވެފައިވަނީ ޓްރަމްޕްގެ އިދާރާއިން ހާވަޑް ޔުނިވަރސިޓީގެ ކެމްޕަހުގައި އަނިޔާވެރިކަމާއި، ޔަހޫދީންނަށް ދެކޮޅު ހަރަކާތްތައް ހިންގުމާއި، އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއެކު ގުޅިގެން މަސައްކަތްކުރުމުގެ ސަބަބުން ޒިންމާދާރުކުރުވަމުން ގެންދާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޔުނިވަރސިޓީތަކަށް ބޭރުގެ ދަރިވަރުން އެންރން އެންރޯލްކުރުމާއި އެ ދަރިވަރުންގެ ފަރާތުން ލިބޭ މަތީ ފީއިން ޔުނިވަރސިޓީތަކުގެ ބިލިއަން ޑޮލަރުގެ އެންޑޯމަންޓްތައް އިތުރުކުރުމަކީ ޙައްޤެއް ނޫން، އިމްތިޔާޒެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހާވާޑަށް ރަނގަޅު ގޮތް ހެދުމުގެ ފުރުސަތު ވަރަށް ގިނައިން ލިބުނު، އެކަމަކު އެ ފުރުސަތު ބޭނުންކުރަން އިންކާރުކުރި." އޭނާ އިތުރަށް ބުނެފަވެއެވެ.

ހާވާޑް ޔުނިވަރސިޓީގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ނޯއެމް ވިދާޅުވެފައިވަނީ ޔުނިވަރސިޓީގެ ސްޓޫޑެންޓް އެކްސްޗޭންޖް ވިޒިޓަރ ޕްރޮގްރާމްގެ ސެޓިފިކޭޝަން ބާޠިލްކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމް ބަލަހައްޓަނީ ނޯއެމް އިސްކޮށް ހުންނަވާ އޭޖެންސީގެ ދަށުން ހިންގާ ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ޔުނިޓުންނެވެ.

މި ފިޔަވަޅުގެ ސަބަބުން ހާވަޑަށް ބޭރުގެ ދަރިވަރުން ވަނުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން، މިހާރު ތިބި ދަރިވަރުން ވެސް އެހެން ޔުނިވަރސިޓީއަކަށް ބަދަލުވާން ޖެހޭނެކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ހާވަޑުން ނެރުނު ބަޔާނެއްގައި މި ފިޔަވަޅަކީ "ޤާނޫނާ ޚިލާފު" އަދި "ބަދަލުހިފުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް" ކަމަށް ބުނެފައިވެއެވެ.

"140 އަށްވުރެ ގިނަ ޤައުމުތަކުން އަންނަ އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ދަރިވަރުންނާއި ތަޢުލީމުވެރިން ބަލައިގަތުމުގެ ޤާބިލުކަން ހާވަޑަށް ލިބިފައިވާކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން ފުރިހަމައަށް މަސައްކަތްކުރަމުން ގެންދާނަމެވެ. އެ ދަރިވަރުންނާއި ތަޢުލީމުވެރިންނަކީ ޔުނިވަރސިޓީއަށް އަދި މި ޤައުމަށް ވެސް ވަރަށްބޮޑު މުއްސަނދިކަމެއް ގެނެސްދޭ ބައެކެވެ،" ޔުނިވަރސިޓީން ބުނެފައިވެއެވެ.

މި ފިޔަވަޅަކީ ޔުނިވަރސިޓީއާއި ޓްރަމްޕްގެ އިދާރާއާ ދެމެދު އޮތް ފުޅާ ދާއިރާއެއްގެ ހަމަނުޖެހުމެއްގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ. ޔުނިވަރސިޓީން އޭގެ ޑައިވަރސިޓީ ޕްރޮގްރާމްތަކާއި ފަލަސްޠީނަށް ތާއީދުކޮށް ކުރެވޭ އިހުތިޖާޖުތަކާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މަޠްލަބުތަކަކަށް އެއްބަސްވުމަށް އިންކާރުކޮށްފައިވެއެވެ.

ޓްރަމްޕްގެ އިދާރާއިން މިހާތަނަށް ތިން ބުރެއްގެ ފެޑެރަލް ފަންޑިންގ އަދި ގްރާންޓް ކަނޑާލުމުގެ ފިޔަވަޅު އެ ޔުނިވާސިޓީއަށް އަޅާފައިވެއެވެ. އޭގެ ޖުމްލަ އަދަދަކީ 2.6 ބިލިއަން ޑޮލަރަށްވުރެ ގިނައެވެ. އެންމެ ފަހުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ހޯމަ ދުވަހުއެވެ. ހާވަޑުން މިހާރު ވަނީ ޓްރަމްޕްގެ އިދާރާއިން އަޅާފައިވާ ފިޔަވަޅުތަކަކީ އެމެރިކާގެ ޤާނޫނު އަސާސީއާ ޚިލާފު ފިޔަވަޅުތަކެއް ކަމަށް ބުނެ ދަޢުވާއެއް އުފުލާފައެވެ.

މި ހަފްތާގެ ކުރީކޮޅު، ހާވާޑްގެ ރައީސް އެލަން ގާބަރ ވަނީ ޔުނިވަރސިޓީގެ ކުރީގެ ދަރިވަރުންނަށް ގޮވާލައި، ޔުނިވަރސިޓީއަށް އެހީތެރިވެ ހަދިޔާ ދިނުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މުއައްސަސާ މިހާރު ކުރިމަތިލާންޖެހިފައިވަނީ އަޅުގަނޑުމެންގެ ދިގު ތާރީޚުގައި ވެސް ކުރިމަތިލާން ޖެހިފައިނުވާ ފަދަ ގޮންޖެހުންތަކަކާއެވެ،" ގާބަރ އީމެއިލްގައި ލިޔުއްވާފައިވެއެވެ.

އެ ޔުނިވާސިޓީގައި އޭގައި ޕްރެޒިޑެންޝަލް ޕްރައޯރިޓީސް ފަންޑާއި ޕްރެޒިޑެންޝަލް ފަންޑް ފޯ ރިސާރޗް މިހާރު ތަޢާރަފުކޮށްފައިވާއިރު، މި ދެ ފަންޑަކީ އެ ޔުނިވާސިޓީ އަށް ދޭ އެހީ ހުއްޓުވުމުގެ ސަބަބުން އުފެދިފައިވާ ހުސްކަން ފޫބެއްދުމަށް އަމާޒުކޮށްފައިވާ ފަންޑުތަކެކެވެ.

އިމިގްރޭޝަން ވަކީލު ލިއޯން ފްރެސްކޯ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އިދާރާއިން އަޅާފައިވާ މި ފިޔަވަޅަކީ ޔުނިވަރސިޓީއަށް މާލީ ގޮތުން ލިބޭނެ ބޮޑު ގެއްލުމަކާއި ދަރިވަރުންނަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ.