މުލަކަތޮޅު (މ.އަތޮޅު)ގެ ފުރަތަމަ އެއާޕޯޓު، މުލީ އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ.
މ. މުލީގައި ތަރައްޤީކޮށްފައިވާ މި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ރައީސް މުޢިއްޒު އަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، މިއީ ރާއްޖޭގައި މިވަގުތު އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މި އެއާޕޯޓު ހުޅުވުމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
މުލީ އެއާޕޯޓުގައި ތަރައްގީކުރި ޑޮމެސްޓިކް އެއާޕޯޓް މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ތަރައްޤީކޮށްފައިވެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް މުލީ އެއަރޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މިއީ ގާތްގަނޑަކަށް 35 މިނެޓުގެ ދަތުރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!