މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ މިއަދު ކެޔޮޅުންނާއެކު ކުރިއަށްގެންދެވި ބައްދަލަވުމުގައެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، ކެޔޮޅުން ވަނީ ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން، މިފްކޯއިން ތެޔޮ ލިބުމުގެ އިންތިޒާމު ފަސޭހަކުރުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކަށި ބޭނުންކުރުމަށް ބަދަލުކުރުމަށާއި، މަސް ކަނދުފަތި އިތުރުކުރުމަށާއި، މަސްކިރާ ތަންތަން އިތުރުކޮށް ދުވަހުން ދުވަހަށް މަހަށް އަގު ލިބޭނެ ގޮތް ހެދުމަށްވެސް އެދިފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެ ކަމަށެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ބޭންކު ލޯނު މިހާރު ފެށިފައިވާ ކަމަށާއި، އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން އައިސް ޕްލާންޓްތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކެޔޮޅުން މި ބައްދަލުވުމުގައި ފާހަގަކުރެއްވީ، ކުރީގެ ބައްދަލުވުމެއްގައި ހުށަހެޅި ކަންކަން ސަރުކާރުން ބަލައިގަނެ ތަންފީޒުކުރަމުންދާތީ އުފާކުރާ ކަމަށެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި މަހުގެ އަގު ދޭންޭން ފެށުމުން، މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ނިންމަވާލައްވަމުން ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަން ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ފަރާތްތަކާ ގާތުން މަސައްކަތްކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!