މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ އެ މުއައްސަސާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މައްޗަންގޮޅީގެ ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ.

Ad
rt

ފުލުހުން ބުނާ ގޮތުގައި، މި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ / މާލެ، ޙަސަން ނިމާލު (44އ) އާއި ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ ޢަބްދުއްސައްތާރު (38އ) އެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.