ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރެއް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ޓިވެޓް ސެންޓަރ ޤާއިމްކުރުމަށް ކަނޑަައަޅާފައިވާ ބިން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ވަނީ ހަވާލުކޮށްފައެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ރޯޑް ދިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ވަނީ ސައިޓް ހަވާލުކޮށްފައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Ad
rt

މި މަޝްރޫޢު ތަރައްޤީ ކުރުމަށް ބިން ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސިޓީގެ އެލްޔޫޕީގައި ކަނޑައަޅާފައިވާ ގޮތުން އަމީރު އަމީން ސްކޫލު އިމާރާތުގެ ވާތްފަރާތުގައި އޮންނަ ބިމުގައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ވަނީ ބިން ސާފު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކުޅުދުއްފުށީގައި ޤާއިމްކުރާ މި ސެންޓަރުގައި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއަކާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ގާއިމުކުރާނެއެވެ.

މީގެ އިތުރުން ދަރިވަރުންނަށް އެ ސިޓީގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ޝެއަރިންގ 32 ރޫމް ހުންނާނެހެން، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމަކާއި ނަމާދުކުރާނެ ތަނަކާއި ފާޚާނާއެއް ހަދައި، ލިފްޓް ވެސް ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

މިފަދަ މަޝްރޫއުތައް ތަރައްޤީވުމުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތައް ދަނާލުގެ ޚިދުމަތާއެކު ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅު ތެރޭގައި ތިބެގެން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޓެކްނިކަން ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.