ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިޔޯލް ބަލިކޮށް ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ފަހަރު މި ވަނީ، ސްޕެނިޝް ލީގާއި ކަޕްގެ އިތުރުން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. ސުޕަ ކަޕާއި ސްޕެނިޝް ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ކާމިޔާބުކުރިއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މި ވަނީ ބާކީ ދެ މެޗު އޮއްވައެވެ. ހަތަރު ތަށި ހޯދުމުގެ އަޒުމުގައި އޮތް ބާސާ، ޗެމްޕިއަންސް ލީގުނެ ކެޓީ ސެމީ ފައިނަލުގައި އިންޓަ މިލާން އަތުން ބަލިވެގެންނެވެ.

Ad
rt

ބާސާ ޕޮއިންޓް ތާވަލުގެ އެއް ވަނައިގައި އޮތީ 36 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 36 މެޗުން ވަނީ 78 ޕޮއިންޓް ލިބިފައެވެ. އަދި ކޮންމެ ޓީމަކަށް ވެސްލީގުގައި ބާކީ ދެމެޗު އެބައޮތެވެ. މިއީ 2022/2023 ސީޒަނަށް ފަހު ބާސާއަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ ބާސާއިން ލީގު ޗެމްޕިއަންކަން ހޯދި 28 ވަނަ ފަހަރެވެ. އެންމެ ގިނައިން ސްޕެނިޝް ލީގު ޗެމްޕިއަކަން ހޯދާފައިވާ ރެއާލް މެޑްރިޑުން ވަނީ 36 ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ރެއާލުން މި ސީޒަން ނިންމާލާފައި ވަނީ ހުސްއަތާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް މުޅި މެޗުގައިވެސް ބާސެލޯނާއިން ވަނީ މެޗު ކޮންޓްރޯލްކޮށްގެން އެސްޕަނިއޯލްގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތާ އަށްވަނަ މިނެޓުގައި ޖަހައިދިނީ ލެމީން ޔަމާލްއެވެ. އޭރިއާ ބޭރުން ޔަމާލް ފޮނުވާލި ބޯޅަ އަމާޒުވީ އެސްޕަނިޔޯލްގެ ގޯލުގެ މަތީ ކަނަށެވެ.

މި މެޗުގެ 80 ވަނަ މިނިޓުގައި އެސްޕަނިޔޯލްގެ ޑިފެންޑަރ ކަބްރޭރާ އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން ފަހު ދިހަ މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ އިތުރު ވަގުތުގައި، ބާސެލޯނާގެ ދެ ވަނަ ގޯލު ޖެހީ، ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން ނުކުތް، ފާމިން ލޮޕޭޒްއެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ލޮޕޭޒް ވަނީ ގޯލުގެ ތިރީ ކަނަށް ވައްދާލާފައެވެ.