ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން ތަހުގީގު ކޮމެޓީން ނިންމި ނިންމުން ޖޭއެސްސީން ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ 11 މެއި 2025 އެވެ.

ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި 75 މެމްބަރުން ތިބޭއިރު، ފަނޑިޔާރުން ވަކިކުރަން ބޭނުންވާ 62 ވޯޓު ހަމަކުރަން ދަތިވާނެކަމަކަށް ނުބެލެވެއެވެ.

މީގެ ކުރީން ވެސް މަޖިލީހުން ވަނީ ފަނޑިޔާރުން ވަކިކޮށްފައެވެ.