ގާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވެނީ 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިންގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ޖަނަވަރީ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad
rt

ތަޙްޤީޤުން އިތުރަށް ހާމަވި ގޮތުގައި، ޝަހާދަތު ހުސައިންއަކީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވަރކް ޕާމިޓެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން އައި މީހެކެވެ. އޭނާގެ އަތުން ހޯދުނު މޯބައިލް ފޯނާއި ލެޕްޓޮޕުން އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕް، އަދި ބިދޭސީންނާއި ދިވެހިންގެ އަމިއްލަ މަޢުލޫމާތު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ވަރކް ޕާމިޓާއި ކޯޓާ ނެގުމަށް ބޭނުންވާ ލިޔެކިޔުންތަކާއި، ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އަދި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ ވެސް އޭނާގެ އަތުން ފެނިފައިވެއެވެ. އަދި ވަރކް ޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ ވެސް ތަޙްޤީޤަށް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައިގެ ތަފްސީލު ދެމުން ފުލުހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން ޝަހާދަތު ހުސެއިން ރާއްޖޭގައި އުޅެމުން އަންނަނީ ހަތަރު ވޯކް ޕާމިޓުގައި ކަމަށެވެ. އަދި އޭނާ 2019 ވަނަ އަހަރު މާލެ އައިސް ބީއެމްއެލްގައި ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރު ތިން އެކައުންޓު ހުޅުވާފައިވާއިރު، އޮކްޓޫބަރު 2019 އިން ފެށިގެން ޑިސެމްބަރު 2024 ވަނަ އަހަރާ ހަމައަށް އެ އެކައުންތަކަށް އަށް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޖަމާވެ، ދައުރު ކޮށްފައިވާކަމަށް ފުލުުހުން ވަނީ ބުނެފައެވެ.