މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއްކަމަށާއި، ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުންކަމަށެވެ.
''ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނަމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީންކަމަށާއި، އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ޚިޠާބު ނިންމަވާލަވަމުން ފާހަގަކުރެއްވީ ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީންކަމުގައެވެ.
މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދެއެވެ. މި ދުވަހަކީ މަސައްކަތްތެރީންގެ ޙައްޤުތަކަށް އަލިއަޅުވާލައި، އެމީހުންގެ ދައުރު ފާހަގަކުރުމަށް ޚާއްޞަކުރެވިފައިވާ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!