ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސްއިން މިރޭ ހުޅުވާލާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުން ހުށަހަޅާއިރު، ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ އިޤްރާރެއް ހުށަހަޅަންޖެހޭނެއެވެ.

ރައީސް އޮފީހުން ބުނީ މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، ޤައުމަށް ޚިދުމަތްކުރުމަށް ތައްޔާރު ޒުވާނުން ބިނާކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރެވި، ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިޢުލާނުކުރެއްވި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށޭނެ ކަމަށެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން، މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑްކުރެވޭނެއެވެ.