ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ ދެރަވަރު ހާލަތުގެ ޒިންމާ އެންމެ ބޮޑަށް ނަގަންޖެހޭ ބަޔަކީ ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާ ހާދިސާއަށް އިޝާރަތްކކުރަށްވައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އެމަނިކުފާނު ގަބޫލުފުޅު ކުރަށްވާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނީ މީގެ އަހަރުތަކެއް ކުރިން ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނިކުމެ އެކުދިން ''މިސް ޔޫސް ކުރަމުންދާ ދިއުން ލޯ ހުޅުވާ ބަލަން އެބަޖެހޭ" ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލަތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ ބުނެ، މަޖާކުރާށޭ، ޒުވާންކަމުގެ ތި ކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސް ކުރަމުންދާ ދިއުން ލޯހުޅުވާ ބަލަން އެބަޖެހޭ." ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ފުލުހުން ދޮގު ނަހަދާނެކަމަށާއި، އަދި ފުލުހުން ދޮގު ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ކަންކަން އިސްލާހްކުރުމަކީ އެންމެންގެ ވެސް ޒިންމާއެއްކަމަށާއި، އެކަން ހާސިލްވާނީ އެންމެންގެ އެއްބާރުލުންދީގެންކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!