މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުގައި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ލިބުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ އެސްއެސްސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާން ބާއްވާފައެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން ރައީސް އެކްސްގައި ޕޯސްޓެއްގައި ވަނީ މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ހުރިހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގައިވެސް މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ.

''އަޅުގަނޑު އެދެނީ އެސް.އެސް ސީ އަދި އޯލެވެލްގައި ރާއްޖެއިން ބައިވެރިވި 8364 ދަރިވަރުންނަށްވެސް ހިތްހަމަޖެހޭ ފާގަތި ދުވަސްތަކަކަށް އިމްތިޙާނުގެ މުއްދަތު ވުން. ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވުން. ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ޙާޞިލްވުން. އިރާދަކުރެއްވިއްޔާ މިއިން ކޮންމެ ކުއްޖަކުވެސް މި އިމްތިޙާނުގައި ކާމިޔާބީ ހޯދާ، މި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތެރި ދަރިއަކަށް ވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު އާންމުކޮށްފައިވާ ގޮތުގައި މިއަހަރުގެ އުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ.