ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ އާމްދަނީ އިތުރުކުރުމަށް އަޅާ ސަނާބިލް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއަދު ހަވީރު ބޭއްވުނު މި ރަސްމިއްޔާތު އޮތީ ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓް (ލޮޓް ނަންބަރު 11528) ގައެވެ. ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އިމާރާތުގެ ބިންގާ އެޅުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.
ސަނާބިލް މަޝްރޫޢަކީ އައިޔޫއެމްއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށް ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނޭނެއެވެ.
މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.
މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢަކީ މުވައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރިކުރުވުމަށް ސަރުކާރުން ދެއްވާ އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!