މާލެއަށް ދަތުރުކުރަނިކޮށް ރޯވި "ހޮޅުދޫ ބޯޓު" އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް ކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މުޝްފިގުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މިއަދު ޣައިބަށް ކަށުނަމާދުކުރަން ކުރިން ނިންމިނަމަވެސް އޭނާގެ މައްޗަށް މިއަދު ކަށުނަމާދު ނުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
''މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ އަޚު މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރެއެވެ. އަޅުގަނޑުވަނީ މުޝްފިޤުގެ ޢާއިލާއާ ވާހަކަ ދައްކާފަ. ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެއެވެ. އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން.'' ވަޒީރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފަވެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެކެވެ. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެކެވެ. އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއްކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.
މުޝްފިގުގެ މައްޗަށް އޭނާގެ އުފަން ރަށް، ލ. މާވަށުގައި މިއަދު ޣައިބަށް ކަށުނަމާދުކުރަން އިއްޔެ ނިންމުމުން ވަޒީރު ވަނީ، ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފަވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދު އަމަލުކުރާނެ ގޮތާ މެދު ސުވާލުކުރެވެމުންދާތީވެ، އެކަން އިސްލާމްދީނުގައި އޮންނަގޮތް ސާފުކޮށްދެއްވާފައެވެ. މިކަމާއި ގުޅިގެން ވަޒީރު އިއްޔެ ވިދާޅުވެފައިވާގޮތުގައި މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށެވެ. ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ނަމަ ޤާޟީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެކެވެ. މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމެވެ.
''މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެއެވެ. އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހައިކަމެއްގެ ޙުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ.'' ވަޒީރު ވިދާޅުވެފަވެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިފަދަ ހާލަތުގައިވި މީހަކު އަނތްބަކު ވާނަމަ، އެކަނބުލޭގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީއެވެ. ޤާޟީގެ މި ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ޞައްޙަވާނެއެވެ. އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތެވެ.
''ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީއެވެ. ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީއެވެ. ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައެވެ.'' ވަޒީރު އިތުރަށް ސާފުކޮށްދެއްވާފަވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށެވެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!