ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި "ޢީދު ހަވީރު 1446" ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ ޢާއިލާ މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހަވީރު ސަލްޓަންޕާކު، ޖުމްހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ބޭއްވުނު މި ހަރަކާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން، އެމަނިކުފާނުގެ އިސްތިޤުބާލުގައި ސަންގު ފުމުމެއް އޮތެވެ. އޭގެފަހުން، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން އެކި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލެއްވިއެވެ.
ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، ޢީދު ހަވީރަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވިއެވެ.
ރައީސް މުޢިއްޒުގެ ވިސްނުންފުޅުގައި، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި ޢީދު ފަދަ އިސްލާމީ މުނާސަބަތުތައް ފާހަގަކުރުމުން، ޚާއްޞަކޮށް ކުޑަކުދިންގެ މެދުގައި އިސްލާމްދީނަށް ލޯބި އުފެދި، ދީނީ ކަންކަން އުނގެނުމަށް ޝައުޤުވެރިކަން އިތުރުވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
މީގެ އިތުރުން، ޢީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަދު ހަވީރު 4:00 އިން 6:00 އަށް ސެންޓްރަލް ޕާކުގައި ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުނެވެ.
މާލޭގައި ވެސް ޢީދު ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޢީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ 65 ރަށެއް މިހާރު ވަނީ ދިއްލާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!