ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގައި އިމާމުވެ ޢީދު ނަމާދުކުރަން ހަވާލުކުރި މީހާއާއި އޭނާގެ ބަދަލުގައި ހަވާލުކުރި މީހާ ވެސް ނަމާދަށް މިސްކިތަށް ނުދިއުމުން އެ މިސްކިތުގައި ބިދޭސީއަކު މިއަދު އިމާމުވެ ޢީދު ނަމާދުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެމީހުން ވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުޞޫލުގެ ތެރެއިން މައްސަލަ ބަލަން އަންގާފައިވާ ކަމަށެވެ.
މިގޮތުން 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން އެ ދެމީހުން ވެސް ސަސްޕެންޑްކުރަން އަންގާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
’’އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ވަނީ ކަމާބެހޭ ޔުނިޓަށް އަންގާފައި’’ ވަޒީރު ވިދާޅުވެފަވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އީދު ނަމާދު ފަށަނީ ހެނދުނު 7 ޖަހާއިރު އެވެ. ނަމަވެސް އަޒީޒާ މިސްކިތުގެ އިމާމު އަދި ބަދަލު އިމާމު ވެސް މިއަދު ގަޑިއަށް މިސްކިތަށް ހާޒިރު ވެފައިނުވާތީ އެ މިސްކިތުގައި އީދު ނަމާދު ފެށީ 7:15 ހާއިރު ކަމަށްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!