ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުޢިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ޢިލްމުވެރީން ވިދާޅުވާ ގޮތުން ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުމެވެ. މީގެ އިތުރުން، މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް، އިސްލާމީ އަޚުއްވަތްކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް ޢީދުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ރައީސްގެ އެ ޚިޠާބުގައި ކޮންމެ މީހަކުވެސް، ޚާއްޞަކޮށް ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން، ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ޢީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް ނަޞޭހަތްތެރިވެވަޑައިގެންފައިވެއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުންވެސް މަސައްކަތްކުރައްވާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށް ކަމުގައެވެ.