"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދެވުމަށް ރައީސް ނިންމަވާފައިވާ ޚާއްޞަ ޕޮޑްކާސްޓެއް ކަމަށެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނާއި މީސް މީޑިއާ މަންސަތަކުން ދައްކާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަށް "ރައްޔިތުންގެ އަޑު" ޕޯޓަލް އާއި "އަހާ ފޯރަމް" ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ރައީސް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!