ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
އުތީމް ކައުންސިލް އައު އިމާރާތަކީ، ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ކައުންސިލް އިމާރާތެކެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން ހއ، ހދ، ށ، ނ، ރ އަދި ދ އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށެއްގެ ކައުންސިލްތަކަށް ދެންނެވިފައިވާނެ ކަމަށާއި، މި މަސައްކަތުގައި އުތީމް ކައުންސިލް އުޅުއްވަނީ ވަރަށް ކުރީގައި ކަމަށެވެ.
އުތީމް ކައުންސިލްގެ އައު އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާ ހިމެނޭހެން ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ އިންތިޒާމްތަކާއި އެކުއެވެ. މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުފެއްދެވުމުން ލާމަރުކަޒީ ނިޒާމްއަށް ހީނަރުކަން އަންނާނެކަމަށްބުނެ ގިނަ ފަރާތްތަކަކުން ފާޑުކީ ނަމަވެސް ފެނިގެންމި ދަނީ އެ މަންޒަރު ނޫން ކަމަށާއި، މި ސަރުކާރުން މިވަގުތު ފަށާފައިވާ، 55 ކައުންސިލެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުން ވެސް އެކަން ހާމަވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ގިނަ ރަށްތަކުގައި ކައުންސިލް ހިންގަމުން އަންނަނީ ވަރަށް ބައު އިމާރާތްތަކެއްގައި ކަމަށާއި، ވުމާއިއެކު އެކަށީގެންވާ ގޮތެއްގައި ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ނުދެވޭ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާރު މި ކުއިއަށް ގެންދާ ކައުންސިލް ޕްރޮޖެކްޓް ނިމި ހިދުމަތް ފެށިގެން ދިއުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބިނާކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން މިހާތަނަށް އައިއިރު ވަނީ 13 ރަށެއްގެ ކައުންސިލް އިދާރާގެ ބިންގާ އެޅާފައެވެ. ބިންގާ ނޭޅި ހުރި ރަށްތަކުގެ ބިންގާ ވެސް ކައިރި ތާރީހެއްގައި އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެލޭސިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ 55 ކައުންސިލް އިދާރާގެ، ޕްރޮޖެކްޓަކީ ދެ އަހަރާއި ބައިން ނިންމާ ގޮތަށް ހަވާލުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އެޅޭ އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ވަސީލަތްތައް ގާއިމްކުރެވިގެންދާނެ އޮފީސްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!