ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ މިއަހަރުގެ ދުނިޔޭގެ ޓީބީ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ޓީބީ ނައްތާލުމަށް ކަނޑައަޅާފައިވާ ޢަޒުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވާކަން ރައީސް ފާހަގަކުރަށްވާފައެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 1998 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަކީ ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 އިންސައްތައަށް އިތުރުކުރުމުގެ އަމާޒާއި، އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މިކަމުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރީން މިކަމަށް ދެއްވާ އަހަންމިއްޔަތުކަމެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ޓީބީ އަވަހަށް ދެނެގަތުމާއި ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުކަން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި މިއަހަރު ލޭޓެންޓް ކޭސްތަކަށް ޓިއުބަކުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރިއަށްދާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީންކުރުމާއި، ބަލި ޑައިގްނޯޒްކޮށް ފަރުވާދިނުން ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ހަމަޖައްސަމުންދާކަން ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!