ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް އަމާޒުކޮށްގެން ވާއްވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލް ގުޅިގެންނެވެ. މެއި 15 ވަނަ ދުވަހު ފަށާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯރަފުށީގައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ ކޮންމެ ރަށަކުން ވެސް އެއް ޓީމަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމެއް، އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އޭޕްރީލް 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަތޮޅު ކައުންސިލަށް އީމެއިލް ކުރުމަށް އެ ފަރާތުން އެދއެވެ. މެއިލް އެޑްރެސް: info@halifatoll.gov.mv
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅުގެ ރައްޔިރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި، އިޖުތިމާއީ ރޫހު ދެމެހެއްޓުމާއި ކުޅިވަރުގެ ރޫހު އާލާކުރުމެވެ.
އެ އަތޮޅުގައި ގައުމީ ފެންވަރުގައި ވާދަކުރެވޭނޭ ކުޅުންތެރިން އުފެއްދުމާއި އަތޮޅުގައި ތިބި ކުޅުންތެރިންގެ ހުނަރު ދައްކައި ދިނުމުގެ ފުރުސަތު ހޯދައި ދިނުމާއި ވާދަވެރި މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު އަތޮޅުގެ ކުޅުންތެރިންނަށް ހޯދައި ދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!