ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ރޭ ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ ކެންސަރު ބަލީގައި، ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ސާންތީ އަކީ ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އޭނާ ވަނީ ގައުމީ ލެވެލްގެ އިތުރުން ކްލަބް ލެވެލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ސާންތީގެ މޫނު ދެއްކުން އޮންނާނީ މިއަދު ހެނދުނު 9:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. ސާންތީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްތާނުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.
ނިޔާވި އިރު ސާންތީގެ އުމުރަކީ 51 އަހަރެވެ. އޭނާ ކެންސަރު ބަލީގެ ވޭން ތަހައްމަލުކުރަމުންދާތާ ދެ އަހަރެއްހާ ދުވަސްވެއްޖެއެވެ. ނިޔާވީ ފަރުވާއަށް އެޑްމިޓްކޮށްފައި އޮންނަތާ މަހެއްހާ ދުވަސް ފަހުންނެވެ.
ސާންތީ ނިޔާވުމުން ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނީ ކުޅިވަރުގެ ދާއިރާގައި، ޚާއްޞަކޮށް ފުޓްބޯޅައިގެ ރޮނގުން، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފުޓްބޯޅަ ކޯޗު، ސާންތީގެ ވަކިވުމަކީ، ދިވެހި ފުޓުބޯޅައަށް ލިބުނު ނުހަނު ބޮޑު ގެއްލުމަކާއި ހިތާމައެއްކަމަށެވެ.
މި ހިތާމާގައި ދިވެހި ރާއްޖޭގެ ފުޓްބޯޅަ އާއިލާއިން އަންނަނީ ބައިވެރިވެ ކޯޗު އިހްސާންގެ ޢާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!