ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި، ބެލެހެއްޓުމާއި، މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ނިންމައިފިއެވެ.
މިގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ކައުންްސިލްގއ "ވޮލަންޓްރީ އެޑްވައިޒަރީ ބޯޑް އުސޫލު" ފާސްކޮށް، އެ އުސޫލުގެ ދަށުން ކުޅުދުއްފުށީގައި ފަތުރުވެރިކަމުގެ ސިނާޔަތު އިިތުރަށް ތަރައްޤީކޮށް ބަލަހައްޓައި މާކެޓް ކުރުމުގެ ގޮތުން އުފައްދާ އެންމެ ފުރަތަމަ ބޯޑަކަށް "ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު" އެކުލަވާލުމަށް ނިންމައިފިއެވެ.
މިއާއިއެކު އެ ބޯޑަށް މެމްބަރުން ހޯދުމަށް ސިޓީ ކައުންސިލުން ވަނީ މިހާރު ހުޅުވާލާފައެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ވޮލަންޓަރީ އެޑްވައިޒަރީ ބޯޑް އުފެއްދުމުގެ މައިގަނޑު މަޤުސަދަކީ، ސިޓީ ކައުންސިލް ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މިހާރަށްވުރެވެސް ބޮޑަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ ކަންކަމުގައި އެދާއިރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކާއި އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައެޅުމުގައި ހޯދުމެވެ.
މި ބޯޑަށް އާންމުންގެ ތެރެއިން 06 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 02 މެމްބަރުންނާއި ކައުންސިލް އިދާރާގެ ޓޫރިޒަމް ނުވަތަ ސިޓީ ޕްލޭނިންގ އާއި ގުޅުންހުރި ޑިޕާޓްމަންޓުން 01 އިދާރީ މުވައްޒަފެއް ހޮވުމަށް ހަމަޖެހިފައިވެއެވެ. ބޯޑަށް ހޮވޭ މެމްބަރުންގެ ދައުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 02 އަހަރު ދުވަހުގެ މުއްދަތެކެވެ.
ބޯޑަށް މެމްބަރުން ހޮވާއިރު އިސްކަންދެވޭނެ ކަންތައްތަކުގެ ތެރޭގައި ޓޫރިޒަމްއާ ގުޅުންހުރި ވިޔަފާރިއެއްގައި ހަރަކާތް ތެރިވެފައިވާ ފަރާތަކަށްވުން، ޓޫރިޒަމް ދާއިރާއިން ތައުލީމާއި ތަޖުރިބާ ހުރި ފަރާތަކަށްވުން، މާރކެޓިން، ސޯޝަލް މީޑިއާ އަދި ކޮންޓެންޓް ކްރިއޭޝަންގައި ހަރަކާތްތެރިވާ ފަރާތަކަށްވެ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކަށްވުން ހިމެނެއެވެ.
އެގޮތުން ބޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން ގެޒެޓު މެދުވެރިކޮށް ހިއްސާ ކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އިއުލާނުގައިވެއެވެ. އަދި އިތުރަށް މައުލޫމާތު ސާފުކުރުމަށް ސިޓީ ކައުންސިލްގެ އިދާރީ ނަމްބަރު 7971621 އަށް ގުޅުއްވުމަށް ނޫނީ އީމެއިލް އެޑްރެސް މެދުވެރިކޮށް އީމެއެއިލް ކޮށްގެންނެވެ.
މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ އުފައްދާ ބޯޑަކަށް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑް ކަނޑައަޅާފައިވަނީ، މިއަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށު ފެންވަރުގައި ކުރަންޖެހޭ މުހިންމު ކަންކަން ހުރުމާއި އެކު، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯރޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށީ އެކަމަށް ތައްޔާރުވެ، ރަށުގެ ރައޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނެގޮތްތައް ހޯދާ އެކަމަށް މަގުފަހި ކުރުމަށް ކަމަށް މޭޔަރ އާތިފް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ވޮލަންޓަރީ އެޑްވައިޒަރު ބޯޑުގެ ދަށުން ކުރިޔަށް އޮތް މުސްތަޤުބަލުގައި ކުޅުދުއްފުށީ ސިޓީގައި މިކަހަލަ ގިނަ ބޯޑުތަށް އެކުލަވާލުމުގެ ޔަޤީންކަން މޭޔަރ އާތިފް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!