ޣައްޒާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި، ހުރިހާ ރަހީނުން ދޫކޮށްލުން މުހިންމުކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ޣައްޒާގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށް ވަނީ ގޮވާލައިފައެވެ.
އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، ޣައްޒާގެ ރައްޔިތުންނަށް "އިންސާނީ އެހީ ފޯރުކޮށްދިނުމަށް" ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން ޣައްޒާގެ ހާލަތާމެދު ކަންބޮޑުވަން، ހުރިހާ ރަހީނުން ދޫކޮށްލުމަކީ މުހިންމު ކަމެއް، އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ދެމެހެއްޓުމަށްވެސް އަޅުގަނޑުމެން ގޮވާލަން" އެކްސްގައި ކުރެއްވި ޕޯސްޓުގައި ޖައިސްވާލް ވިދާޅުވެފައިވެއެވެ.
މި ބަޔާނަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އިންޑިއާއިން ފާޅުކުރި ކަންބޮޑުވުމެކެވެ. އިންޑިއާއިން މިފަދަ ބަޔާނެއް ނެރުމަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ޤައުމުތަކުން ވެސް މި މައްސަލައަށް ސަމާލުކަން ދިނުމަށް ބާރުއެޅުމެއް ކަމުގައި ބެލެވެއެވެ.
ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާއިރު، އެތައް ހާސް މަދަނީ ރައްޔިތުންނެއް ވަނީ ޝަހީދުވެ އަދި އަނިޔާވެފައެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގެދޮރު ގެއްލި ނިކަމެތި ހާލުގައި ޖެހިފައެވެ. މި ހާލަތުގައި އިންސާނީ އެހީގެ ބޭނުން ވަރަށް ބޮޑަށް އެބައޮތެވެ.
އިންޑިއާގެ މި ގޮވާލުމަކީ ހަނގުރާމައިގެ ދެ ފަރާތުންވެސް އަވަހަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ކުރެވޭ އިލްތިމާސެއް ކަމުގައި ވެސް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!