ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
މި ހުށަހެޅުމުގެ މަޤްޞަދަކީ ރަމަޟާން މަހާއި ޔަހޫދީންގެ ޕާސްއޯވަރ ފާހަގަކުރާ މުއްދަތުގެ ފަހުންވެސް ހަމަނުޖެހުން ހުއްޓުވުމެވެ.
ހުކުރު ދުވަހު ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމަކީ "ބްރިޖް" ހުށަހެޅުމެކެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ރޭ ޤަޠަރުގެ ވެރިރަށް ދޯހާގައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސްގެ ޚާއްޞަ ބޭފުޅެއް ކަމުގައިވާ ސްޓީވް ވިޓްކޮފްއާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސް ބޭފުޅެއް ކަމުގައިވާ އެރިކް ޓްރޭގަރއެވެ.
މި ހުށަހެޅުމުގެ ދަށުން، ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލްގެ ހުރިހާ ރަހީނުން ދޫކޮށްލަން ޖެހެއެވެ. އަދި ދޫކޮށްލާ ދިރިހުރި ރަހީނުންގެ ބަދަލުގައި ޖަލުގައި ތިބި ފަލަސްޠީނު ޤައިދީން އިސްރާއީލުން ދޫކޮށްލެވޭނެއެވެ. އަދި މި ހުށަހެޅުމުގެ ދަށުން އެމެރިކާއާއި އިސްރާއީލުގެ ދެ ޤައުމުގެ ރައްޔިތެއް ކަމުގައިވާ އީދަން އެލެކްސެންޑަރ ވަގުތުން ދޫކޮށްލަން ޖެހޭނެކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސްއިން ވަގުތުން ރަހީނުން ދޫކޮށްނުލައިފިނަމަ، އެކަމުގެ ނުރައްކާތެރި ނަތީޖާ ކުރިމަތިވާނެ ކަމަށެވެ. މި ހުށަހެޅުމަކީ ދާއިމީ ހަނގުރާމަ ހުއްޓުވުމަށް މަގުފަހިކޮށްދޭނެ ހުށަހެޅުމެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.
މިހުށަހެޅުމާ ބެހޭގޮތުން ހަމާސްއިން އަދި ރަސްމީކޮށް ވަކިއެއްޗެއް ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!