ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޕީއެސްޖީގެ އަތްދަށުވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.
މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގައި ކުޅެފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗުގައި ޕީއެސްޖީގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލިބުނު ހަމައެކަނި ފުރުސަތުގެ ބޭނުން ހިފައިގެން 1-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ލިވަޕޫލުންނެވެ.
ދެވަނަ ލެގުގެ މެޗު ރޭ ލިވަޕޫލުގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޖަހައިދިނީ ޑެމްބެލޭއެވެ.
ރޭ މެޗުގެ ބޮޑުބައިގައި ލިވަޕޫލުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ފުރުސަތުތައް ވެސް ހޯދިއެވެ. އެގޮތުން ސޮލާހަށާއި ޑިއާޒްގެ އިތުރު ޒޮބޮސްލާއީއަށް ލިބުނު ފުރުސަތުގައް ފާހަގަ ކޮށްލެވެއެވެ. މި ހަމަލާތައް ހުއްޓުވުމުގައި ޕީއެސްޖީގެ ކީޕަރ ޖިއަންލުއިޖީ ޑޮންނަރޫމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި ޕީއެސްޖީން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ފަހިކޮށްފައެވެ. އެގޮތުން ޑެމްބެލޭ، ކްވަރަޝްކޭލިއާގެ އިތުތުން ބާކޯލާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓް ނަތީޖާއިން (1-1) ދެ ޓީމް އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ ދެހާފް ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ދެހާފުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ލަނޑެއް ޖެހޭގޮތް ނުވިއެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީޖެހިއިރު ޕިއެސްޖީން ޖެހި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ލިވަޕޫލްއިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ މުހައްމަދު ސަލާހު ޖެހި ޕެނަލްޓީ އެވެ. އެ ޓީމުގެ ޑާވިން ނޫނޭޒް އާއި ކާޓިސް ޖޯންސް ފޮނުވާލި ޕެނަލްޓީތައް ޕީއެސްޖީގެ ކީޕަރު ޑޮންނަރޫމާ ވަނީ ދިފާއުކޮށްފައެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި ލިވަޕޫލް މުބާރާތުން މިވަނީ ކަޓާފައެވެ. ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގެ މިފަހަރު ކުޅުނު ގްރޫޕް ބުރުގައި ވެސް އެއްވެސް މެޗަކުން ބަލިނުވެ އެއްވަނަ ހޯދި ޓީމެވެ. ޕްރިމިއާ ލީގުގައި ވެސް މިވަގުތު ލިވަޕޫލް އޮތީ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑަކާއިއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!