ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ހއ. ދިއްދޫ ކައުންސިލުން އެދިއްޖެއެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް އެކައުންސިލުން އެދުނީ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން އެ ކައުންސިލަށް އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.
އެ ކައުންސިލުން ބުނެފައިވަނީ ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް 28 ޖަނަވަރީ 2020 ގެ ކުރިން އެ ކައުންސިލާ ހިއްސާކޮށްދެއްވުން އެދޭކަމަށެވެ. އަދި އެފަދަ ކުދިންގެ މަޢުލޫމާތު އެ ކައުންސިލާއި ހިއްސާ ކުރިނަމަވެސް އެ މަޢުލޫމާތު ރައްކާތެރިކުރާނެ ކަމުގެ ޔަޤީންކަން އެ ފަރާތްތަކަށް އެ ކައުންސިލުންވަނީ އަރުވާފައެވެ.
އެކަމަށް ހާއްސަ ސަމާލުކަމެއްދެއްވައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ފަދަ މައްސަލަތައް ރިޕޯޓް ކުރަމުން ގެންދިއުމަށް އެކައުންސިލުންވަނީ އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ.
ކުޑަކުދިންނަށް އިތުބާރުކުރެވޭ މަޤާމެއްގައި ތިބޭ ފަރާތްތަކުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ދެނެގަނެ އަވަސް ހައްލެއް ހޯދުމަށާއި، ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސް ގެންދަވަނީ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!