"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދެއްކި ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކި ވާހަކަތަކެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ. މި ބަޔާނުގައި ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން 4,000 ފްލެޓް ބެހުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ހިންގި ތަޙްޤީޤުގެ ނަތީޖާއިން ދައްކާ ގޮތުގައި، ކުރިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅުނު މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

Ad
rt

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވަނީ، އޭސީސީން މި ކަން ފާހަގަކުރުމާ ގުޅިގެން، އެ ލިސްޓް އަލުން ރިވިއު ކުރުމަށް އެ ކޮމިޝަނުން ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާއަށް އެންގެވި ކަމަށެވެ. އެހެންކަމުން، އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ފްލެޓް ލިސްޓް ރިވިއު ކުރުމަށްފަހު އަލުން އެ ލިސްޓް ސަރުކާރުން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެންމެ ފުރިހަމަ މައުލޫމާތު ލިބިފައި ނެތުމަކީ ލިސްޓާއި ގުޅޭގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާ މައިގަނޑު ސަބަބަކަށްވުން އެކަށީގެންވާ ކަމަށެވެ.

ފްލެޓް ލިސްޓް ރިވިއު ކުރުމުގައި އަމަލުކޮށްފައިވަނީ ކުރީ ސަރުކާރުން އެކަމަށް އެކުލަވާލި ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި، މި ގައިޑްލައިނަށް އަމަލުކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަވާނެހެން ވީހާވެސް ބޮޑަށް ލުއި ކުރެވޭތޯ ބަލާފައިވާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ފްލެޓް ލިސްޓާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ތުހުމަތު

ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރިވިއު ކުރުމަށްފަހު ނެރުއްވި ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުގައި 3 ކޮޓަރި ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެކަމަށް އިއުލާންކުރި ފަރާތްތަކުގެ އިތުރުން 2 ކޮޓަރީގެ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ ފަރާތްތައް އެކަންޏެވެ.

"އެނޫން އެހެން އެއްވެސް މީހެއްގެ ފޯމެއް މި މަރުހަލާގައި ބަލައި ޗެކުކޮށްފައިނުވާނެ. އަދި ފްލެޓް ދިނުމުގެ އައު އުސޫލެއްވެސް އެކަށައަޅާފައިނުވާނެ،" އިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.