ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފިއެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައި ގަތީ އިއްޔެއެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، މި ވޭޕް ޝިޕްމަންޓް އަތުލައިގަތީ ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއް ފާސްކުރިއިރު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާ ގުޅިގެން އިތުރަށް ބެލުމުންނެވެ.
މިގޮތުން މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލުމުން 400 ވޭޕް ސްޓިކްގެ އިތުރުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ފެނިފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ކަސްޓަމްސްއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
މީގެ އިތުރުން، ފުލުހުން ވެސް ވަނީ ވޭޕް ވިއްކާ ދެ ތަނެއް ރޭ ފާސްކޮށް ގިނަ އަދެއްގެ ވޭޕް އަތުލައި، ބިދޭސީއެއް ހައްޔަރުކޮށްފައެވެ.
އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ރާއްޖޭގައި 15 ޑިސެންބަރު 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!