ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބާސާ ޖެހިލައިފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
ސޮސިއެޑާޑުން މެޗުގެ ބޮޑުބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ އަރިޓްޒް އެލުސްޓޮންޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ބާސެލޯނާގެ ޑެނީ އޮލްމޯ ހުސްކޮށް އަރައި ކުރަން އުޅުނު އެޓޭކެއް ހުއްޓުވަން ފައުލުކުރުމުން އެލުސްޓޮންޑޯ އަށް ދެއްކި ރަތް ކާޑެކެވެ.
ސޮސިއެޑާޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ބާސާއިން ވަނީ ވަރަށް ފުރިހަމައަށް ނަގާފައެވެ. އެގޮތުން ބާސާއިން ވަނީ ފުރަތަމަ ހާފުގައި ކައިރިކައިރީ ދެ ލަނޑުޖަހާފައެވެ. ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި އޮލްމޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖެރާޑް މާޓިން ޖަހައިދިންއިރު ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހައިދިނީ މާކް ކަސައިޑޯއެވެ. ކަސައިޑޯ މި ލަނޑު ޖަހާފައިވަނީ ވެސް އޮލްމޯގެ އެހީތެރިކަމާއިއެކުއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބާސާއަށް ތިންވަނަ ލަނޑު ޖަހައިދިނީ އަރައުހޯއެވެ. ބާސާގެ ހަތަރުވަނަ ލަނޑު 60 ވަނަ މިނެޓުގައި އަރައުހޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. މިއީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ލެވަންޑޯސްކީ ކުޅުނު 37 މެޗުގައި ބާސާއަށް ޖަހައިދިން 34 ވަނަ ލަނޑެވެ. މިވަގުތު ޔޫރަޕްގެ އެންމެ މަތީފަންތީގެ ފަސް ލީގުގައި ޓޮޕް ސްކޯރާއަކީ އޭނާއެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސޮސިއެޑާޑް އަށް މެޗުގައި ލިބިފައިވަނީ ދަށް ރެކޯޑެކެވެ. އެ ޓީމަށް މުޅި މެޗުގައި ވެސް އިދިކޮޅު ގޯލަށް ހަމަލާއެއް ފޮނުވާނުލެވުނުއިރު، މުޅި މެޗުގައި ވެސް އިދިކޮޅު އޭރިއާ ތެރޭގައި ބޯޅައިގައި ޓަޗް ކުރެވިފައި ވަނީ ވެސް އެންމެ ފަހަރަކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!